ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةًۭ نُّعَاسًۭا يَغْشَىٰ طَآئِفَةًۭ مِّنكُمْ ۖ وَطَآئِفَةٌۭ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍۢ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌۭ مَّا قُتِلْنَا هَٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴿١٥٤﴾
ދެން، އެ ހިތާމަޔަށްފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އަނެއްބަޔަކަށް އެއުރެންގެ އަމިއްލަ نفس ތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. اللَّه އާމެދު އެއުރެން حق ނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: نصر ދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއްމެ މިލްކުވެގެންވަނީ اللَّه އަށެވެ. ކަލޭގެފާނަށް އެއުރެން ފާޅުނުކުރާ ކަންތައް، އެއުރެންގެ ހިތްތަކުގައި ވަންހަނާ ކުރެތެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން ކަމެއް (އެބަހީ: ހަނގުރާމަޔަށް ނުކުތުމާމެދު اختيار އެއް) ތިމަންމެންނަށް ލިބިގެންވީނަމަ، މިތާނގައި ތިމަންމެން قتل އެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން ވީކަމުގައިވިޔަސް قتل ވުން އެބަޔެއްގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ މީހުން، އެއުރެން قتل ވެގެން ވެއްޓޭނޭ ތަންތަނަށް ނުކުތީސްކަން ކަށަވަރެވެ. އަދި، (ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވީ) اللَّه ތިޔަބައިމީހުންގެ ހިތްތަކުގައިވާގޮތް امتحان ކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ހިތްތަކުގައިވާ ގޮތްތައް ވަކި ކުރައްވައި ހާމަކުރެއްވުމަށްޓަކައެވެ. اللَّه އީ، ހިތްތަކުގައި ވާހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.