وَٱلْمُطَلَّقَٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٍۢ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَٰحًۭا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌۭ ۗ وَٱللَّهُ عَزِيزٌ حَكِيمٌ ﴿٢٢٨﴾
އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ نفس ތަކާއިގެން ތިން قُرء ވަންދެން انتظار ކުރާހުށިކަމެވެ! (قُرء އަކީ، حيض ނުވަތަ طُهر އެވެ.) އަދި، އެކަނބަލުން، اللَّه އަށާއި، آخرة ދުވަހަށް، إيمان ވާ ކަމުގައިވާނަމަ، އެކަނބަލުންގެ رَحِم ތަކުގައި اللَّه އުފައްދަވާފައިވާ އެއްޗެއް (އެބަހީ: حيض ވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން إصلاح ކުރުމަށް އެދޭނަމަ، عدّة ގެ ދުވަސްވަރުގައި އެކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް حق ވެގެން ވެއެވެ. އަދި شرعى ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް حق ވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.