وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًۭى مِّن رَّأْسِهِۦ فَفِدْيَةٌۭ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍۢ ۚ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍۢ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌۭ كَامِلَةٌۭ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ ﴿١٩٦﴾
ތިޔަބައިމީހުން اللَّه އަށްޓަކައި حج އާއި عمرة ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުން إحصار ވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، حج ވުމަށް ނުވަތަ عمرة ވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) هَدْى ގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. އަދި هَدْى، އެ ކަތިލުމުގެ محل އަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން، ނުވަތަ صدقات އެއް ދިނުމުން ނުވަތަ ކަތިލުމަކުން فدية އެއް ދިނުން ހުށްޓެވެ. ފަހެ، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެނަމަ عمرة އަށްފަހު، حج އާ ހަމަޔަށް ދާނދެން އަރާމު ލިބިގެންފިމީހާ (އެބަހީ: حج ގެ ދުވަސްވަރުގައި عمرة ގެ އަޅުކަން ނިމި، إحرام ކަނޑައިފުމުން، إحرام ގެ ސަބަބުން حرام ވާ ކަންތައްތައް ހުއްދަވުމަށްފަހު، مكة ގައި ހުރެ އަލުން حج އަށް إحرام ބަނދެފި މީހާ) هَدْى ގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. ފަހެ، އެފަދަ އެއްޗެއް ނުލިބިއްޖެމީހާ حج ގެތެރޭގައި ތިން ދުވަހު، އަދި حج ން އެބުރި އައުމަށްފަހު ހަތް ދުވަހު ރޯދަހިފުން ހުށްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ. އެކަންއޮތީ، އެމީހެއްގެ أهل ވެރިން حرمة ތެރި ވެގެންވާ މިސްކިތް ހުރި ރަށުގެ ވަޒަންވެރިން ކަމުގައި ނުވާ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!