Divehi
Surah النبأ - Aya count 40
އެއުރެން އެކަކު އަނެކަކާ سؤال ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟
ބޮޑުވެގެންވާ خبر އާ މެދުގައެވެ.
އެ خبر އަކީ، އެއުރެން އެއާމެދު خلاف ވެގެންވާ خبر އެވެ.
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟
އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟
އަދި (ދެ جنس ން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ.
އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ.
އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ.
އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ.
ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ.
އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ.
އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ.
އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ.
ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ.
ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ.
އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ.
އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.
ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ.
كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.
އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ.
އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ.
ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ.
(އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.
ހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ.
ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކުރޫއެވެ.
އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ.
ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.
ހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ.
ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ.
އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ.
އަދި ފުރިފައިވާ ރާތަށިތަކެވެ.
باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ.
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.
އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمن ވަންތަ ރަސްކަލާނގެ حضرة ންނެވެ. އެކަލާނގެ حضرة އަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ.
جبريل ގެފާނާއި، ملائكة ން ސަފަކަށް قائم ވެ ތިއްބަވާ ދުވަހެވެ. رحمن ވަންތަ ރަސްކަލާނގެ، އެމީހަކަށް إذن ދެއްވައި، حق ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ.
އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވުމެއް ހިފައިފާހުށިކަމެވެ!
ހަމަކަށަވަރުން، ގާތްވެގެންވާ عذاب އެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟